ކ. ތުލުސްދޫގައި ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު 1،680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރެވޭއިރު، 1،729.12 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެއެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދެވޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ހިމެނޭ ކަމަށެވެ.
މި މަޝްރޫޢު ޞިއްޙީ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 101.71 މިލިއަން ރުފިޔާއަށެވެ.
މި ލިޔުން ކިޔާލުމުން