ހައްޖާޖީން އެންބުރި ރާއްޖެއަންނަ އިރު، އެއަރޕޯޓަށް ދާ މީހުން ވީހާވެސް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕިއޭ އިން އިލްތިމާސްކޮށްފިއެވެ.
ހައްޖުން އެނބުރި އައުމަށްފަހު ސަމާލުވާންވީ ކަންކަމާއި ގުޅޭގޮތުން ރޭ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯރޑިނޭޓަރ މުހައްމަދު ހަމްޒަތު ވިދާޅުވީ ހައްޖުން އެންބުރި އަންނަމީހުންވެސް ރޯގާ ޖެހިގެން އަންނަކަމަށްވާނަމަ މާސްކު އަޅައިގެން އައުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
ހަމްޒާ ވިދާޅުވީ ހައްޖުން އެނބުރި ރާއްޖެއައިސް ވެސް 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމަށް ވަނީ އެދިފައެވެ.
ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވެފައިވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޑރ. އިޔާޒު ވަނީ ރޯގާގެ އަލާމާތްތައް ހުރިނަމަ، މާސްކު އެޅިނަމަވެސް މީހުންގެ ތެރެއަށް ނުނިކުތުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަނަމަ ސްކޫލަށް ނުފޮނުވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އެޗްޕިއޭގެ ތަފާސް ހިސާބުތަކުން ބަލާއިރުގައި މިއަހަރުގެ މިހާތަނަށް ފާހަގަކުރެވެނީ އާންމު ރޯގާތައް އިތުރުކަމަށެވެ. އޭގެތެރޭގައި އިންފުލުއެންޒާ، އާރުއެސްވީ، ކޮވިޑް ފާހަގަކުރެވެއެވެ.
މި ލިޔުން ކިޔާލުމުން