Saturday, October 31
ޝައިހު ފަރީދުގެ ޖަނާޒާ މާދަމާ ބޭއްވުމަށް ނިންމައިފި

އިއްޔެ ކުއްލި ގޮތަކަށް ނިޔާވި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މާދަމާ މެލޭޝިޔާގައި ބޭއްވުމަށް ނިންމައިފިއެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޝައިޚް ފަރީދުގެ ޖަނާޒާ އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު ރާޖާ ހާޖީ ފީސަބީލީﷲ މިސްކިތުގައެވެ. އަދި ވަޅުލުމަށް ހަމަޖެހިފައިވަނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަޤީގައެވެ.

އުމުރުން 53 އަހަރުގެ ޝައިޚް އިބްރާހިމް ފަރީދު އަހްމަދު ނިޔާވެވަޑައިގަތީ އިއްޔެ މެލޭޝިޔާއަށް ވަޑައިގެންނެވި ތަނުން އެއަރޕޯޓުގައެވެ. އާއިލާއިން ފުރަތަމަ މަސައްކަތްކުރެއްވީ ޝައިޚްގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މެލޭޝިޔާގެ އުސޫލުތަކާ އެއްގޮތަށް ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ގެނެވޭނީ ޕޯސްޓްމޯޓަމް ހެދުމަށްފަހުގައި ކަމަށްވުމާއެކު، އާއިލާއިން ނިންމެވީ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދެވުމަށެވެ.

މަރުހޫމު ޝައިޚް އިބްރާހިމް ފަރީދު އަހްމަދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އިލްމުވެރިންގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމަނިކުފާނުގެ ހަޔާތްޕުޅުގައި ދީނީ ގިނަ ދަރުސްތަކާއި ޕްރޮގްރާމްތައް ކުރިއަށް ގެންދަވާފައިވެއެވެ.

ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޢިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ތަޢުޒިޔާގެ ބަސްފުޅު ވިދާޅުވެފައެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ އެމަނިކުފާނުގެ ނިޔާވުމާ ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު