ބޮލިވުޑްގައި އަލަށް އަރަމުން އަންނަ ތަރި ޝަނާޔާ ކަޕޫރުގެ ފުރަތަމަ ފިލްމު "އާންކޯން ކީ ގުސްތާކިޔާން" ގެ ފުރަތަމަ ޕޯސްޓަރު ބުދަ ދުވަހު ނެރެފިއެވެ. މި ޕޯސްޓަރުގައި ފެންނަނީ ޝަނާޔާ އާއި ފިލްމުގައި އޭނާގެ ބައިވެރިޔާ، ވިކްރާންތް މަސޭ ވަރަށް ލޯބިން އެކުގައި ތިބި މަންޒަރެކެވެ.
ޕޯސްޓަރުގައި ދެ ތަރިން ފެންނަނީ އެމިއުސްމަންޓް ޕާކެއްގެ މެރީ-ގޯ-ރައުންޑް ރައިޑެއްގައި، ލޯ މަރާލައިގެން، އެ މޫސުމުގެ ހިތްގައިމު ކަމަށް ގެއްލިފައިވާ ގޮތަށެވެ. ވިކްރާންތް ލައިގެން ހުރީ ބްރައުން ޖެކެޓަކާއި ޓްރައުޒަރެކެވެ. އޭނާ ހުރީ ޝަނާޔާގެ އަތުގައި އޯގާތެެރިކަމާއެކު ހިފައިގެންނެވެ. ޝަނާޔާ ލައިގެން ހުރީ ރަތް ކުލައިގެ ހެދުމެކެވެ. މި ހެދުމުގައި ފައިގެ ބައެއް ފެންނަ ގޮތަށް ސްލިޓެއް ލާފައިވެއެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ވަޔަށް ދޫކޮށްލައިފައެވެ. އަދި އަތުގައި އަވިއައިނެއް އޮވެއެވެ. ޕޯސްޓަރުގެ ފަހަތުގައި ރަން ކުލައިގެ ލައިޓްތައް ފެނެއެވެ.
ޕޯސްޓަރު ނެރުމާއެކު ގިނަ ބަޔަކު ވަނީ އެއަށް ތައުރީފު ކޮށްފައެވެ. "އާންކޯން ކީ ގުސްތާކިޔާން" ސިނަމާތަކަށް ނެރޭނީ 11 ޖުލައި ގައެވެ. މި ފިލްމަކީ ޝަނާޔާ ކަޕޫރު އާއި ވިކްރާންތް މަސޭ އެކުގައި ފުރަތަމަ ފަހަރަށް ފެންނަ ފިލްމެވެ. ޒީ ސްޓޫޑިއޯސްއިން މި ފިލްމުގެ ރިލީޒް ތާރީހު އިއުލާންކުރީ އޭޕްރީލް މަހުއެވެ.
ޝަނާޔާ ކަޕޫރަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ކޮއްކޮ ސަންޖޭ ކަޕޫރުގެ ދަރިފުޅެވެ. އޭނާ އުފަންވީ 3 ނޮވެމްބަރު 1999 ގައެވެ. ބޮލީވުޑްގެ މަޝްހޫރު ޢާއިލާއެއްގައި އުފަން ޝަނާޔާ، ފިލްމީ ދުނިޔެއަށް ފުރަތަމަ ފިޔަވަޅު އެޅީ 2019 ގައި "ގުންޖަން ސަކްސޭނާ" ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ. މި ފިލްމުގައި އޭނާގެ ދެބެންގެ ދެދަރި ޖާންވީ ކަޕޫރު ގުންޖަން ސަކްސޭނާގެ ބައިން ފެނިގެންދެއެވެ..
މި ލިޔުން ކިޔާލުމުން