Monday, November 9
ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް ބްރޭންޑް އެމެބްސެޑަރަކަށް ކެޓްރީނާ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އެމްއެމްޕީއާރްސީން ބުނީ ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސައި ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަން ދީފައިވަނީ، ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުންކަމަށެވެ. އެގޮތުން މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދީ، ހިތްގައިމު ކަނޑުގެ މަންޒަރުތައް ޕްރޮމޯޓުކޮށް މަތީ ފަންތީގެ ފަތުރުވެރިކަން އޭނާ އިޝްތިހާރު ކުރާނެއެވެ.

ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ކެޓްރީނާ ހަމަޖެއްސުމާއި ގުޅިގެން އެމްއެމްޕީއާރްސީން ވިދާޅުވީ، ކެޓްރީނާއަކީ ދުނިޔޭގެ އެކި ކަންކޮޅުގައި އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފަންނާނެއް ކަމަށެވެ. ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއް ތަރީގެ ގޮތުގައި ފާހަގަކުރެވޭ ކެޓްރީނާއަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެ، ބޮލީވުޑުގައި އެންމެ މަޤްބޫލު އަންހެން ތަރިންގެ ތެރެއިން ގުނާލެވޭ މި ދާއިރާއިން ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ފަންނާނެއް ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މިއާއެކު އެނާއަކީ ކުޅަދާނަ އަންހެން ވިޔަފާރިވެރިއެއްކަންވެސް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފައެވެ.

ޔޫރަޕުގެ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކެޓެގަރީތަކުން ހާއްސަ އޮފަރ ތަކެއް ދޭނެއެވެ. މިގޮތުން މި ކެމްޕެއިން އިނގިރޭސިވިލާތާއި، ރަޝިޔާ، ސީއާއެސް އަދި ޑަޗް މާކެޓުގައި ހިންގާނެއެވެ. މީގެއިތުރުން އިޓަލީ، ސްޕެއިން، ޕޯލެންޑް އަދި އިންޑިއާގައި މި ކެމްޕެއިން ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ ބޭނުމަކީ މި ސަރަހައްދުތަކުން ރާއްޖޭގެ އަށްނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، މި ސަރަހައްދުތަކުގެ ދަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ހެދުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު