Saturday, October 31
ޢީދާ ގުޅިގެން އުތުރުގެ އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އަޕަރ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ އެރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި ކުލަބް ޖަމްޢިއްޔާތައް ގުޅިގެން ހިންގި ހަރަކާތްތަކުގައި ފުލުހުން އިސްދައުރެއް އަދާކޮށްފައިވާއިރު، އެހެން ރަށްރަށުގައި ހަރަކާތްތައް ކުރިއަށްދިޔަ ވަގުތުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތެރިވެ، ޓްރެފިކް ފްލޯ ބަލަހައްޓައި، އަމަން އަމާންކަން ގާއިމްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުން ޢީދު ހަރަކާތްތަކުގައި ވަރަށް އަކްޓިވްކޮށް ބައިވެރިވެފައިވެއެވެ. ޢީދު ހަދިޔާ ތައްޔާރުކުރުމުގައި ބައިވެރިވެ، ޢީދު ނަމާދުން ފެށިގެން ޢީދު ޝޯ ނިމެންދެން ހުރިހާ ހަރަކާތްތަކެއްގެ ސެކިއުރިޓީ ބަލަހައްޓާފައިވެއެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ސްޓޯލްތައް ބަހައްޓައި ހަރަކާތްތެރިވެފައިވެއެވެ. އޭގެ އިތުރުން ޢީދު ވިލޭރޭ ރަށްރަށުގެ އެކި ސަރަހައްދުތަކުގައި ސްޓެޓިކް ޑިއުޓީތައް އަދާކޮށް ޕެޓްރޯލް ކުރުން އިތުރުކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ސްޓޯލްތައް ބަހައްޓައި، މާލި ޕެރޭޑެއް ބާއްވައި، ޢީދު ކުޅިވަރުތަކުގައި ބައިވެރިވެފައިވެއެވެ.

ށ. އަތޮޅުގައި ޢީދުގެ އެކިއެކި ޕްރޮގްރާމްތަކުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓައި، ކޮމިއުނިޓީ އިވެންޓްތަކުގައި ބައިވެރިވެފައިވެއެވެ. ށ. މިލަންދޫ، ށ. ފުނަދޫ އަދި ށ. ފޯކައިދޫގައި "ހަވާ" އެރުވުނު ވަގުތުތަކުގައި އެސަރަޙައްދުގެ ސެކިއުރިޓީ ބަލަހައްޓާފައިވެއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވުނު ގިނަ ޢީދު ހަރަކާތްތަކުގެ ސެކިއުރިޓީ އަދި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. މީގެ ތެރޭގައި ޢީދު މާލި، ޢީދު އޮނު ބަޑި ޖެހުން، ވާދެމުން، ބަނދު ދުއްވުން، ރާނީ ހިނގުން، ނަމުރު، ހަވާ، ސްޓޭޖް ޝޯ، ފައިގަތަޅާ، ކޯޑި، ބޮޑު ފައިވާން ހިންގުން، ކައިވެނި ސައި އަދި ދަމުހިނގުން ފަދަ ގިނަ ހަރަކާތްތައް ހިމެނެއެވެ.

މީގެއިތުރުން، ޢީދު ބަންދު ފެށުމުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް، ވޯކް އެންޑް ޓޯކް ޕްރޮގްރާމްތައް ހިންގައި، ރަށުން ބޭރަށްދާއިރު ގެދޮރު ރައްކާތެރިކުރުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވާކަން ވެސް ފާހަގަކުރެވެއެވެ.

މި އަހަރުގެ އަޟްޙާ ޢީދުގައި އަޕަރ ނޯތު ޕޮލިސް ރީޖަންގެ ފުލުހުން ވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ޢީދު ހަރަކާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު