ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައި، އެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އާންމުކޮށް ހުޅުވާލައިފިއެވެ.
މިގޮތުން މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޖޫން 15 ގެ ނިޔަލަށެވެ. ޚިޔާލު ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް ދާޚިލީ ވުޒާރާއަށެވެ.
އެ ވުޒާރާއިން ވަނީ ޚިޔާލު ހުށަހަޅާއިރު، ވީހާވެސް ތަފްސީލުކޮށް މަސްދަރުތަކާއެކު ހުށަހެޅުމަށް އެދިފައެވެ. މި ބިލަށް އާންމުން ހުށަހަޅާ ހުރިހާ ޚިޔާލެއްވެސް އާންމުކުރާނެ ކަމަށާއި، ނަމަވެސް ބޭނުންނަމަ ހުށަހަޅާ ޚިޔާލުގައި ހިމެނޭ ބައެއް މަޢުލޫމާތު ހާމަނުކުރުމަށް އެދެވިދާނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވަނީ ޚިޔާލު ހުށަހަޅާ ބާބު ނުވަތަ މާއްދާއާއި، ޚިޔާލާއި، އެ މާއްދާއެއް އިޞްލާޙުކުރުމަށް ހުށަހަޅާ ގޮތް ބަޔާންކުރުމަށްވެސް އެދިފައެވެ.
މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް "ދިވެހިރާއްޖެ 2.0" ގެ ނަމުގައި ޚާއްޞަ ޕުރޮގުރާމެއް ސަރުކާރުން ވަނީ އިފްތިތާޙުކޮށްފައެވެ. މިއީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން