އަޟްހާ ޢީދުގެ އުފަލުގައި، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަޤްސަދުގައި ސަރުކާރުގެ ގިނަ މުއައްސަސާ ތަކަކާއި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން އިއްޔެ ބޭއްވި "ޢީދު ހަވީރު 1446" ގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އިއްޔެ ހަވީރު، ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު، ޖުމްހޫރީ މައިދާން އަދި ހުޅުމާލެ ސެންޓްރަލް ޕާކާއި ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ކުޑަކުދީންނަށެވެ. ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިޔަށްގެންދިޔަ އޮބްސްޓިކަލް ބެލްޓުގެ ހަރަކާތްތަކާއި، ރެޕެލިންގ ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް ހިމެނެއެވެ.
މީގެއިތުރުން އެ ސަރަހައްދުގައި، އެމްއެންޑީއެފް މެރިންކޯރ އަދި އޯޑްނަންސް ސަރވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް އެ ސަރަހައްދުގައި ޑިސްޕްލޭކޮށް، ކުޑަކުދީންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، އެ ކުދީންގެ މެދުގައި މަޤްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. ހަމައެއާއެކު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ފަރާތުން ސަޤާފީ ހަރަކާތްތަކެއް ވަނީ ހުށަހަޅައިދީފައެވެ.
"ޢީދު ހަވީރު 1446" ގެ ހަރަކާތްތައް މިއަދާއި މާދަމާވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުންނެވެ.
މި ލިޔުން ކިޔާލުމުން