Saturday, October 31
ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރުމަށް ތިން ދުވަހުގެ ޢީދު ހަވީރެއް ބާއްވަނީ

އަޟްހާ ޢީދުގެ މުނާސަބަތުގައި ސިފައިންނާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން "ޢީދުހަވީރު 1446"، ޤައުމީ ފެންވަރުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި "ޢީދުހަވީރު 1446" ގެ ޤައުމީ ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ. މިގޮތުން "ޢީދުހަވީރު 1446"ގެ ހަރަކާތްތައް ކުރިއަށްދާނީ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް 20:30 އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހަރަކާތްތައް އޮންނާނީ މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ.

އެމްއެންޑީއެފުން ބުނީ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން ކަމަށެވެ.

އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ހަމަޖެހިފައިވާއިރު، ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ހަމައެހެންމެ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެންނެވެ.

ޢީދުހަވީރުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ފަރާތުން ޚާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންދަން ނިންމާފައެވެ.

މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު