Saturday, October 31
ދިވެހި ހުރިހާ ޙާޖީން މިރޭ ޢަރަފާތަށް ދިއުމަށް ފުރާނެ، އެންމެންގެ ހާލު ރަނގަޅު: ވަޒީރު

ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވިދާޅުވެފައިވަނީ އާއްމުކުރެއްވި މެސެޖެއްގައެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ޙައްޖުވެރިން މިރޭ ޢިޝާ ނަމާދަށްފަހު ޢަރަފާތް ބިމަށް ދަތުރުކުރާނެ ކަމަށެވެ. ޙައްޖު މިޝަނުން ދެއްވާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ވަޒީރު ވިދާޅުވެފައިވަނީ މި ވަގުތު ދިވެހި ޙައްޖުވެރިންގެ ތެރޭގައި ހާލުބޮޑު ބަލި މީހަކު ނެތް ކަމަށެވެ.

ހުރިހާ ޙައްޖުވެރިން ވެސް ރޭގެ ވަގުތެއްގައި މިނާއަށް ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޙައްޖުވެރިންނަށް މިނާ އަދި ޢަރަފާތުގައި ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ޙައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ކަމަށެވެ. ޙައްޖުމަހުގެ 09 ވަނަ ދުވަހު ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެކަންވެސް ވަޒީރު ވިދާޅުވިއެވެ.

ޢަރަފާތަށް ދިޔުމަށް ފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެ ކަމަށާއި، މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެފަހުން މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށް ފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އަހަރު ރާއްޖެއިން 1000 މީހުން ހުން ޙައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދަތުރުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު