Saturday, October 31
އީދު ފާހަގަކުރުމުގައި އިސްލާމްދީނުގެ އިމުން ބޭރުނުވުމަށް އެލްޖީއޭއިން އިލްތިމާސްކޮށްފި

އިސްލާމްދީނުގެ އިމުން ބޭރުނުވެ ޢީދު ފާހަގަ ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެލްޖީއޭ އިން ހުރިހާ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުއްވެވި ސިޓީއެއްގައި ބުނެފައި ވަނީ ޢީދު ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވާ އާލާކުރުމާއި ދިވެހި ސަގާފަތާއި އާދަކާދަ ދިރުވުން ކަމަށެވެ.

އެލްޖީއޭއިން އިތުރަށް ބަޔާންކޮށްފައިވަނީ، ކައުންސިލްތަކުން ޢީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ދީނީ އެއްބައިވަންތަކަން ޤާއިމު ކުރުމުގެ ޒިންމާގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މި އަހަރުގެ އަޟުޙާ ޢީދު ފާހަގަކުރުމަށް ކައުންސިލުތަކުން ހިންގަވާ ހަރަކާތްތަކަކީ އިސްލާމް ދީނުގެ އިމުން ބޭރުނުވެ އަދި މުޖްތަމަޢުގެ ޢާންމު ޢިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވެ ޢާންމު މަސްލަޙަތު ރައްކާތެރިކޮށް ހިންގޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް ދަންނަވަމެވެ،" އެލްޖީއޭގެ ސިޓީގައި ވެއެވެ.

މީގެއިތުރުން، ކައުންސިލުތަކުން ޢީދު ފާހަގަކުރުމަށް އިންތިޒާމު ކުރާ އެންމެހާ ހަރަކާތްތަކަކީ އިސްލާމްދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށާއި، ހަރަކާތްތައް ހިންގުމުގައި ޢާންމު ޢިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން ކަންކަން އިންތިޒާމު ކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު