Saturday, October 31
ދުނިޔޭގެ އެންމެ ބޮޑު ފިނިކުރާ ނިޒާމު ބޭނުންކުރަން ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމުގައި ދުނިޔޭގެ އެންމެ ބޮޑު ފިނިކުރާ ނިޒާމު ކަމަށް ބުނާ ވަރުގަދަ ފިނިކުރާ ނިޒާމެއް ބޭނުން ކުރަން ފަށައިފިއެވެ. މި ނިޒާމު ބޭނުން ކުރަން ފަށާފައި ވަނީ މި އަހަރުގެ ޙައްޖު މޫސުމާ ދިމާކޮށެވެ.

ސަޢުދީ ޢަރަބިއްޔާގެ ހޫނު މޫސުމުގައި ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދާކަން ފާހަގަކުރެވެއެވެ. އާންމު ގޮތެއްގައި ހޫނު މޫސުމުގައި އެ ޤައުމުގެ ހޫނުމިން ހުންނަނީ 45 ޑިގްރީ ސެލްސިއަސްއަށްވުރެ ވެސް މަތީގައެވެ. މި ސަބަބަށްޓަކައި، ޙައްޖާއި އުމްރާވެރިންނަށް އަޅުކަމުގެ ކަންކަން ފަސޭހަ ކޮށްދިނުމަށް، ވަރުގަދަ ފިނިކުރާ ނިޒާމެއް ބޭނުން ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އަލަށް ބޭނުން ކުރަން ފަށާފައިވާ މި ނިޒާމަށް 155،000 ޓަނު ފިނި ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވެއެވެ. މިއީ ގަޑިއިރެއްގެ ތެރޭގައި 1.86 ބިލިޔަން ބީޓީޔޫ ފިނިކޮށްދޭ މިންވަރެވެ. މި ނިޒާމުގެ މަސައްކަތްތައް ކުރަނީ މައިގަނޑު ދެ މަރުކަޒަކުންނެވެ. އެއީ އަލް-ޝާމިޔާ ސްޓޭޝަނާއި އަޖްޔަދު ސްޓޭޝަނެވެ. އަލް-ޝާމިޔާ ސްޓޭޝަނުން 120،000 ޓަނު ފިނި ކޮށްދޭއިރު އަޖްޔަދު ސްޓޭޝަނުން 35،000 ޓަނު ފިނިކޮށްދެއެވެ.

މި އައު ނިޒާމުގެ ދަށުން މިސްކިތުގެ ހުރިހާ ސަރަޙައްދުތައް ފިނި ކޮށްދެއެވެ. މީގެ ތެރޭގައި ފަހުގެ އަހަރުތަކުގައި އިތުރު ކޮށްފައިވާ ބައިތައް ވެސް ހިމެނެއެވެ. މިސްކިތުގެ ފިނިހޫނުމިން 22 ޑިގްރީއާއި 24 ޑިގްރީއާ ދެމެދު އެ ނިޒާމުން ދަމަހައްޓައިދެއެވެ.

މާތްވެގެންވާ ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ރިޔާސަތުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ އިދާރާއިން އަޙައްމިއްޔަތުކަން ދެނީ ހަމައެކަނި މިސްކިތް ފިނިކުރުމަކަށް ނޫނެވެ. ނަމަވެސް، މި ނިޒާމަކީ ޙައްޖާއި އުމްރާވެރިންނަށް ފަސޭހަކަމާއެކު އަޅުކަން ކުރުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެއްގެ ގޮތުގައި ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު