Saturday, October 31
އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެ

މި އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ނައިބު ރައީސަކަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. މި ޚަބަރު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސުންގެ ތެރޭގައި ރާއްޖެ އިންތިޚާބުވެފައިވާ ކަމަށާއި، އދ.ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ކާމިޔާބީ ކަށަވަރުކުރުމަށް ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާ ކަމަށެވެ.

ނިއުޔޯކްގައި މިއަދު ބޭއްވުނު އިންތިޚާބުގައި އޭޝިއާ ޕެސިފިކް ގްރޫޕަށް މި ސެޝަނަށް ލިބެން ހުރި ފަސް ގޮނޑި ފުރުމަށް ރާއްޖެ، ބަންގްލަދޭޝް، ލުބްނާން، ސައުދީ އަރަބިއްޔާ އަދި ޓިމޯރު ލެސްޓޭ ވަނީ އިންތިޚާބުކޮށްފައެވެ.

މި އަހަރަކީ އދ.ގެ މެންބަރުކަން ރާއްޖެއަށް ލިބުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި އިންތިޚާބުގެ ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު އިތުރު ފަޚުރެކެވެ. އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން، ރާއްޖޭގެ ފަރާތުން އާންމު މަޖިލީހުގެ ޕްލެނަރީ ބައްދަލުވުންތައް ބަލަހައްޓާނެއެވެ.

މީގެ ކުރިން، 2021 ވަނަ އަހަރު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގަތުމަކީވެސް ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެއިރު އިންތިޚާބުގައި ރާއްޖޭގެ ފަރާތުން ވާދަކުރެއްވި ޝާހިދު އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، ޝާހިދާ ވާދަ ކުރައްވާފައިވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލްއެވެ.

މި އިންތިޚާބުގެ ނަތީޖާއާއެކު، ރާއްޖެއިން އދ.ގެ މުހިންމު މަޤާމުތަކަށް މީހުން ހޮވިގެންދިއުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހައިސިއްޔަތު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމުގައި ސަރުކާރުން ދެކެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު