Saturday, October 31
ޕޮލިސް ކޮމިޝަނަރ ކަމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފި

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން އިސް އޮފިސަރަކު ކުރިމަތިލައްވައިފިއެވެ.

މި މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އަހުމަދު ޝަމީމެވެ.

ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ. މި މަގާމު ހުސްވެފައިވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަލީ ސުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަލީ ސުޖާއު އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނާ ރަޝީދުގެ މައްސަލައިގެ ތަހުގީގު ހިންގަމުންދިޔަ ގޮތާމެދު ފާޑުކިޔުންތައް އަމާޒުވެ، އޭނާގެ އިސްތިއުފާއަށް ގޮވައި މުޒާހަރާތައް ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.

ސުޖާއުގެ އިސްތިއުފާއާ ގުޅިގެން، ހޯމް މިނިސްޓްރީން އެންމެ ފުރަތަމަ ނިންމީ އެ މަގާމު ވަގުތީގޮތުން އެސިސްޓެންޓް ކޮމިޝަނަރ ފަރުހާދު ފިކުރީއާ ހަވާލުކުރުމަށެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް، އެސިސްޓެންޓް ކޮމިޝަނަރ އިސްމާއިލް ނަވީންއާ ވަގުތީގޮތުން މަގާމު ހަވާލުކުރެވުނެވެ.

ގާނޫނުގައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އެ ފަރާތްތަކުގެ ޤާބިލުކަން ވަޒަންކުރުމަށްފަހު، ބޯޑުން ހުށަހަޅާ ނަންތަކުގެ ތެރެއިން މަގާމަށް އައްޔަންކުރާނެ އޮފިސަރަކު ކަނޑައަޅާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު