Saturday, October 31
ކަރަންޓު ކެނޑުނު މައްސަލަ ދިރާސާކޮށް މިފަދަ މައްސަލަތައް ދިމާނުވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަނީ: ވަޒީރު

މިއަދު މެންދުރުފަހު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ދިރާސާކޮށް، ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު 12:39 ގައި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނެވެ. ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެންނެވެ. ނަމަވެސް، މި މައްސަލައިގެ ސަބަބު އަދި ސާފުކޮށް އެނގިފައެއް ނުވެއެވެ.

ވަޒީރު ތޯރިގް ވިދާޅުވި ގޮތުގައި، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އެބަދެއެވެ. އަދި މި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި ދިމާވި މައްސަލަ ދިރާސާކޮށް ބަލައި ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. މާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ކަރަންޓު ކެނޑުމާ ގުޅިގެން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން," ވަޒީރު ތޯރިގް ވިދާޅުވިއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން މާލެ ސަރަހައްދުގެ ގިނަ ސަރުކާރު އޮފީސްތަކާއި ވިޔަފާރިތަކަށް ބުރޫއަރާފައިވާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަރަންޓު އަވަހަށް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ސަރުކާރުން މަޢުލޫމާތު ދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު