Saturday, October 31
ދުންފަތުގެ އިސްތިޢުމާލު ކުރުމުން އެހެން މީހުންގެ ޙައްޤުތަކަށް ވެސް އަރައިގަނެވޭ!

ދުންފަތުގެ އިސްތިޢުމާލުކުރުމުން އެހެން މީހުންގެ ޙައްޤުތަކަށްވެސް އަރައިގަނެވޭކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް އދ.ގެ އެކި އެޖެންސީތަކާއި ދިވެހި ބައެއް ޖަމްޢިއްޔާތައް އިސްނަގައިގެން މާލޭގެ އަރޓިފިޝަލް ބީޗް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މިފަދަ ދުވަހެއްގައި އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ކަމަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ސަބަބުން އެހެން މީހުންގެ ކިބައިން ނިގުޅައިގަނެވޭ ޙައްޤުތަކާ މެދުގައި ކަމަށެވެ. އެގޮތުން މިފަދަ މީހުންގެ ސަބަބުން ގިނަ ބަޔަކު އެ ނުބައި ޢަމަލަށް ހުށައެޅޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ސަބަބުން ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ފުރިހަމަ ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު ނިގުޅައިގަނެވޭ," ވަޒީރު ވިދާޅުވިއެވެ. "އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެވެސް ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރަންޖެހޭ."

ވަޒީރު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން މިހާރު ވަނީ ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައި ކަމަށެވެ. އަދި ދުންފަތުން ދުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތް އެހެނިހެން ފަރާތްތަކުންވެސް ދުންފަތުގެ ނުރައްކާތެރިކަމާއި އޭގެ ސަބަބުން އެހެން މީހުންނަށް ކުރާ އަސަރުތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު