ކަރަންޓުގެ އަގުތަކަށް ގެންނެވި ބަދަލު ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ރޭ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ 19.3 އިންސައްތަ ކަސްޓަމަރުންނަކީ 100 ޔުނިޓަށްވުރެ ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތައް ކަމަށާއި އެ ބޭންޑުތަކުގެ އަގު 1.50 ރުފިޔާއިން 1.25 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ބޮޑު އިންސައްތައެއް ބޭނުންކުރަނީ 101 އިން 400 ޔުނިޓާ ދެމެދުގެ ބޭންޑުކަމަށާއި އެ ބޭންޑުތަކުގެ އަގު އެއް ހަމަކޮށް 1.50 ރުފިޔާއަށް ބަދަލުކުރައްވަން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
"މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރު," ރައީސް ވިދާޅުވިއެވެ. "ކަރަންޓުގެ އަގުހެޔޮ ކުރުމަށް ނިންމެވީ ސަރުކާރުން ހަކަތައިގެ ޕޮލިސީ މެނީ މެނޭޖްކުރުމުގައި ހުރި މައްސަލަތަކުގެ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާތީ."
ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ސަރުކާރުން ވަރަށް ބޮޑު އިންވެސްޓެއް ކުރައްވާނެ ކަމަށެވެ. އެގޮތުން، 2028އާ ހަމައަށްދާއިރު ޓާގެޓަކީ ރާއްޖޭގެ ހަކަތައިގެ %30 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުން ކަމަށާއި ސްޓެލްކޯއާ ފެނަކަ ހަރުދަނާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އެ ބުރަ އުފުލަންޖެހޭގޮތަށް ކުރީ ސަރުކާރުތަކުން ކުރި ކަންކަމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ފާއިތުވި ދޮޅު އަހަރު ބެއްލެވީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެކަމުގައި ލުއި ހޯދައިދެވޭނެ ގޮތެއް ހޯދަން ކަމަށެވެ.
"ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން. އަޅުގަނޑު މިނިންމީ ރައްޔިތުންގެ އާމްދަނީ ހުރި މިންވަރުން އަތްފޯރާފަށުގައި ލުއިފަސޭހަކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން. އެކަން މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރާނެ. ސްޓޭލްކޯގެ އެފިޝަންސީ ރަނގަޅު ކުރަންޖެހުނަސް، ފެނަކައިގައި ހުރި މާލީ މައްސަލަތަކަށްވިޔަސް، ރަނގަޅު ކުރަންޖެހޭ،" ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ
ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ އަގަށް ގެންނަވާ ބަދަލުތަކުގެ އަގުތައް ތަންފީޒުކުރަން ކުރަންޖެހުނު ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖޫން 1 އިން ފެށިގެން ހުރިހާ ކުންފުނިތަކަކުން މި ބަދަލުތައް ތަންފީޒުކުރައްވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން