Saturday, October 31
ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް އިތުރު ބަދަލެއް ގެނެސް މާދަމާ ގޯތި ދޫކުރަން ގުރުލަނީ

ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް އިތުރު ބަދަލުތަކެއް ގެނައުމަށްފަހު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. މި އައު ޕްލޭނަކީ ކުރިން ނެރެފައިވާ ޕްލޭނަށް ހުށަހެޅުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ތަމްސީލުކުރާ ޔޫނިއަނާ މަޝްވަރާކުރުމަށްފަހު އެކުލަވާލެވުނު ޕްލޭނެއްކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވި ގޮތުގައި، މި އައު ޕްލޭނާ އެއްގޮތަށް ގޯތި ދޫކުރުމަށް ުމަށް ގުރުއަތުލުން އޮންނާނީ މާދަމާ މެންދުރުފަހު 2:30 ގައި މާލޭގެ އުސްފަސްގަނޑުގައެވެ. މިއީ ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އަޅާ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

ކުރީގެ ސަރުކާރުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި އާންމު ޚިދުމަތްތަކަށް އެކަށީގެންވާ ޖާގަ ނެތްކަމަށް ބުނެ، މިހާރުގެ ސަރުކާރުން ވަނީ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އައު ޕްލޭނެއް ނެރެފައެވެ. ނަމަވެސް، ގުޅިފަޅުން އިތުރަށް ހިއްކާފައިވާ ސަރަހައްދާއެކު ހުރިހާ ގޯއްޗެއް ދޫކުރުމަށްޓަކައި މި މަހުގެ 15 ވަނަ ދުވަހު އަނެއްކާވެސް ޕްލޭން ބަދަލުކުރެވުނެވެ.

މި ބަދަލުތަކާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބުނު މީހުން ތަމްސީލުކުރާ ޔޫނިއަނުން ވަނީ އެ ޔޫނިއަނާ މަޝްވަރާނުކޮށް ލޭންޑް ޔޫސް ޕްލޭން ދެވަނަ ފަހަރަށް ބަދަލުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، މިނިސްޓަރު މުއްތަލިބުގެ ބަހުން އެނގެނީ މިފަހަރުގެ ބަދަލުތައް ގެނެވިފައިވަނީ އެ ޔޫނިއަނާ މަޝްވަރާކުރުމަށްފަހުގައި ކަމެވެ.

މިދިޔަ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅިފަޅުން 2,000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ގިރާވަރު ފަޅުން ގޯތި ލިބުނު 1,347 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު