ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުން ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން މަޢުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި މިހާރުވެސް ފްލެޓާއި ގޯތި އޮތް އެތައް ބަޔަކާއި ދެމަފިރިންވެސް ހިމެނެއެވެ. އެގޮތުން، އެ ލިސްޓުގައި ހިމެނޭ 302 ފަރާތަކަށް މިހާރުވެސް މާލެއިން ބޯހިޔާވަހިކަމުގެ ގޮތުގައި ފްލެޓް ލިބިފައިވާ ކަމަށާއި، ފްލެޓް ލިބޭނީ މާލޭގައި އޮތް ބިން ސަރުކާރާ ހަވާލުކުރުމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު 305 ފަރާތަކަށް ފްލެޓް ލިބިފައިވާ ކަމަށާއި، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ލިސްޓުގައި ހިމެނޭ 391 ފަރާތަކީ ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ފަރާތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރެއިން ލިބޭނީ އެއް ފަރާތަކަށް ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުން، އެހެން ކަމުން ދެމަފިރީންނަށް ފްލެޓް ލިބިފައިވާނަމަ އެކަކު ފްލެޓް ދޫކޮށްލަން ޖެހޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން