Saturday, October 31
ޅ. ވައްވަރު ބޭރުގައި ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އިއްޔެ ހާމަކުރި ގޮތުގައި ޅ. ވައްވަރު ބޭރުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ ވަދު ކަނދުފައްޗެއް ޤާއިމުކޮށްފިއެވެ. މި ކަނދުފަތި އަޅާފައިވަނީ ޅ. ވައްވަރުގެ ހުޅަނގުން 4.2 މޭލު ބޭރުގައި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ކަނދުފައްޗަކީ D09V05 ނަންބަރު ކަނދުފަތި ކަމަށާއި، މިއީ އެ ވުޒާރާގެ ފަރާތުން ޅ. އަތޮޅުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްސަކޮށް ޤާއިމުކުރި ދެވަނަ ކަނދުފަތި ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މީގެކުރިން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޅ. އޮޅުވެލިފުށީގެ ދެކުނުން ފަސް މޭލު ބޭރުގައި ވަނީ ވަދު ކަނދުފައްޗެއް ޤާއިމުކޮށްފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފަވެއެވެ.

ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ. ވަދު ކަނދުފަތި އަޅަނީ ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާއި ދެމެދުގެ ދުރުމިނުގައި ކަމަށާއި، މިއީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެއް ކަމަށްވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

ވަދު ކަނދުފަތި ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައި ކަމަށާއި، މި ކަނދުފަތިތައް ހުންނަނީ ފަސޭހައިން ފެންނަ ގޮތަށް ރީނދޫ ކުލައިގައި ކަމަށްވެސް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު