ހއ. އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު މި ސަމާލު ދެމިއޮންނާނީ މިއަދު އިރުއޮއްސި 18:30 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެއެވެ. މި ގަޑިތަކުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަަނީ ބުނެފައެވެ.
މީގެ އިތުރުން، ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ މިއަދު ހަވީރު 18:00 އާހަމައަށް އެސަރަހައްދަށްވެސް ހުދު ސަމާލު ނެރެފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރައްވާފައިވާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ގުގުރުން އެކަށީގެންވާ ކަމަށާއި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން