Saturday, October 31
ނައިބުރައީސް ހަވާއީއަށް ދަތުރުކުރެއްވި މަތިންދާބޯޓުގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް!

ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދަތުރުކުރެއްވި އެމެރިކާގެ ފްލައިޓެއްގައި ބޮމުގެ އިންޒާރެއް ލިޔެފައި ހުއްޓާ ފެނުމުން އެ ފްލައިޓު އިމަޖެންސީކޮށް ޖައްސައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު، ހަވާއީގެ ހޮނޮލުލޫ އިން ލޮސް އެންޖަލިސް އަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓު 1169 ގައެވެ.

ޔުނައިޓެޑް އެއާލައިންސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއްގައެވެ. ބޮމުގެ އިންޒާރު ލިޔެފައިވަނީ ބޯޓުގެ ފާޚާނާގެ ލޯގަނޑުގައެވެ. މި އިންޒާރު ފެނުމާ ގުޅިގެން ބޯޓު ވަނީ އަނބުރާ ހޮނޮލުލޫއަށް ރީރޫޓްކޮށް، އިމަޖެންސީކޮށް ޖައްސާފައެވެ.

އެއާލައިންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މި ފްލައިޓުގައި 339 ފަސިންޖަރުންނާއި 10 ކްރޫ މެންބަރުން ދަތުރުކުރިއެވެ. އަދި މި ހާދިސާ އެފްބީއައިއިން ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް އެއާލައިނުން ހާމަކޮށްފައިވެއެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހަވާއީއަށް ވަޑައިގެންފައިވަނީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ދަޢުވަތަކަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، ފްލައިޓު އިމަޖެންސީކޮށް ހޮނޮލުލޫއަށް ޖެއްސުމަށްފަހު، ނައިބު ރައީސް އެހެން ފްލައިޓެއްގައި ފުރާވަޑައިގެންފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު