ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު އެތައް ގޮތަކުން ފަހިވެގެންދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިްޒު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމުގައިއެވެ. ރައީސް ވަނީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން ޙަޤީޤަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރައްވައި، ބުރަ މަސައްކަތްތަކެއް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރައްވާފައެވެ. މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްޤީގެ ކަންކަން ކުރިއަށްގެންދަންވާނީ، މިކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށާ، ރިވައިސްޑް މާސްޓަރޕްލޭނާއެކު އެ ފުރުޞަތު ފަހިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ޕްލޭން ޙަޤީޤަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
We extend our heartfelt gratitude to His Excellency President Dr. Mohamed Muizzu, Cabinet Ministers and government officials for gracing our official event with their esteemed presence, as we mark a strategic shift in our governance, communication, and the Hulhumalé Masterplan… pic.twitter.com/JAojiphpCg
— Housing Development Corporation (@hdcmaldives) May 26, 2025
ސަރުކާރުގެ އެކި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި، އެ ތަންތަނުގެ އިސްވެރިންނާއި ޓީމަށްވެސް އެކި ބަދަލުތައް ގެންނަވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ މަޤުޞަދަކީ ގުޑް ގަވަނަންސް ނުވަތަ ހެޔޮވެރިކަން ކަށަވަރުކުރައްވައި، ދެފުށްފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއްގެ ތެރެއިން ކުންފުނިތަކުގެ ހިންގުން ޔަޤީންކުރެއްވުން ކަމުގައެވެ. އެޗް.ޑީ.ސީއިން މިހާރު މި ވަނީ އެ ބަދަލުތަކުގެ ފުރިހަމަ ފައިދާ ފެންނަން ފަށާފައިކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެޗް.ޑީ.ސީގެ ވެބްސައިޓް ތަރައްޤީކުރެވިފައި ބިލްޑިންގް އެޕްރޫވަލްސް އަދި ބިޑް އެޕްރޫވަލްސްގެ ދުވެލި ހަލުވިވެގެންދާނެއެވެ. ހަމަމިއާއެކު ކުންފުނީގެ މަސައްކަތްތަކުގެ ހާމަކަން އިތުރުކުރުމުގެ ގޮތުން، މި ވެބްސައިޓްގައި، ވިސަލްބްލޯވަރ ޕޯޓަލްއެއްވެސް ވަނީ ހިމަނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި މުއައްސަސާތަކަކީ، ކޮރަޕްޝަނާ ދުރުން، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ތަންތަނަށް ވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި ކޮރަޕްޝަން ހިންގުމަށް އެއްވެސް މީހަކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށާ، ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެނައުމަށް ބޭނުންފުޅުވާކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެވުނު ވަރަކުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އާމްދަނީއަކީ ހެޔޮ ގޮތުގައި ހޯދާ އެއްޗަކަށް ވާންޖެހޭ ކަމަށާ، އެ އިމުން ބޭރުން ހިނގާ ކަމަކަށް ފުރުޞަތު ދެވިގެން ނުވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާންކޮށްދެއްވާފައެވެ.
މީގެ 24 އަހަރު ކުރިން އެކުލަވާލެވުނު ހުޅުމާލޭ މާސްޓަރޕްލޭނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު އިފްތިތާޙުކުރެވިގެން ދިޔައިރު، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނަކީ އާންމު ދިރިއުޅުން އައު ހަރުފަތަކަށް އުފުލައިލެވި، ވިޔަފާރިއާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެވި، ދެމެހެއްޓެނިވި ތަރައްޤީގެ ވެއްޓެއް ކަށަވަރުކޮށްދެނިވި މާސްޓަރޕްލޭނެކެވެ.
މި ލިޔުން ކިޔާލުމުން