އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ އަޑުއެހުންތަކަށް ހާޒިރުވެފައި ނުވާތީ ތ. ވޭމަންޑޫ ކައުންސިލްގެ އިދާރާ ޖޫރިމަނާކޮށްފިއެވެ.
އައިކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އިދާރާގެ އިންފޮމޭޝަން އޮފިސަރު ދީފައިވާ ޖަވާބާ ދޭތެރޭ ހިތްހަމަނުޖެހިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، މިފަދައިން ހުށަހެޅޭ ޝަކުވާ އާއި އިލްތިމާސްތައް ބަލަންވާނީ ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައި ކަމަށް އައިކޮމްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މިގޮތުން މި ޝަކުވާތައް ބެލުމަށްޓަކައި އެޕްރީލް 28 ވަނަ ދުވަހު ބައްދަލުވުމެއް ތާވަލުކުރިނަމަވެސް، އެ ބައްދަލުވުން ތާވަލްކޮށްފައިވާ ގަޑީގައި ވޭމަންޑޫ ކައުންސިލްގެ އިދާރާއިން ބައިވެރިވެފައި ނުވާތީ އެ ބައްދަލުވުން ކެންސަލް ކުރަންޖެހިފައިވާކަން އައިކޮމް އިން ފާހަގަކުރެއެވެ. އަދި މޭ 8 ގައި ތާވަލުކުރި ދެވަނަ ބައްދަލުވުމުގައިވެސް ކައުންސިލްގެ އިދާރާއިން ބައިވެރިވެފައި ނުވާތީ، ބައްދަލުވުން ކުރިއަށްގެންދިޔައީ ކައުންސިލް އިދާރާގެ ޣައިރު ހާޒިރުގައި ކަމަށް އައިކޮމް އިން ބުންޏެވެ.
"މިކަން މިހެންވެފައިވާތީ މި ޢަމަލަކީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި ވާ ފަދައިން ޤާނޫނުގައިވާ ގޮތުގެ މަތީން އަދާކުރަންޖެހޭ ވާޖިބެއް އިންފޮމޭޝަން ކޮމިޝަނަރު އަދާކުރުމަށް ހުރަސް އެޅުންކަމުގައިވެސް ފާހަގަކުރަން"، އައިކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އައިކޮމް އިން ބުނީ އެ އޮފީހުން އަންގާފައިވާ ތާރީޚުތަކުގައި ހާޒިރުވާންޖެހޭ ތަނާއި ގަޑިއަށް މަޤުބުލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ފަރާތްތަކުން، ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އެ އޮފީހަށް ސަބަބާއެކު އަންގަންވާނެ ކަމަށް އެ އޮފީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. މިފަދައިން ގަވާއިދުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ވޭމަންޑޫ ކައުންސިލްގެ އިދާރާއިން ތާވަލްކޮށްފައިވާ ބައްދަލުވުންތަކުގައި ބައިވެރިވެވެން ނެތް ކަމަށް އެ އޮފީހަށް އަންގާފައިނުވާ ކަމަށް އައިކޮމް އިން ބުންޏެވެ.
ވީމާ، އެޕްރީލް 28 އަދި މޭ 8 ގައި އެ އޮފީހަށް ހުށަހެޅިފައިވާ ހަ މައްސަލައެއް ބެލުމަށް ތާވަލުކުރި ބައްދަލުވުންތަކަށް ވޭމަންޑޫ ކައުންސިލްގެ އިދާރާއިން ހާޒިރުވެފައިނުވާތީ އާއި ހާޒިރުނުވެވޭނެކަން އަންގާފައިނުވާތީ، އައިކޮމް އިން ވަނީ 350ރ. އިން ވޭމަންޑޫ ކައުންސިލްގެ އިދާރާ ޖޫރިމަނާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން