މަޖިލީހާއި ސިޓީ ކައުންސިލްތަގައި މިހާރު ތިބި މެމްބަރުންނަށް ވުރެ އިތުރުނުވާނެ ގޮތަށް އިސްލާހް ގެންނަން ނިންމައިފި
ރައްޔިތުންގެ މަޖިލީހާއި ސިޓީ ކައުންސިލްތަކުގައި މިހާރު ތިއްބެވި މެމްމަރުންނަށްވުރެ އިތުރު ނުވާގޮތަށް ގާނޫނުތަކަށް ބަދަލުގެނައުމަށް ވިސްނަވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޯޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
އާބާދީގެ ނިސްބަތުން ރައްޔިތުން ތަމްސީލުކުރާ މެންބަރުންތަކެއްގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލަވައިލަމުންދާ ދިއުމުގެ ސަބަބުން ދައުރަކަށްވުރެ ދައުރެއް، މެމްބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަށް އިތުރު ގޮތެއް ހޯއްދެވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕޮޑްކާސްޓްގައި ޙިއްޞާކުރައްވާފައެވެ. ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އިތުރުކުރުމަކީ، ޑިމޮކްރަސީގައި ހަމަ ރަނގަޅު ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 93 އަށް އަރާފައިވާ މަޖިލީސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ.
ހަމަ މިފަދައިން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާކުރައްވާފައެވެ. އެގޮތުން 2000 އަށްވުރެ މަދު އާބާދީތަކަށް 3 މެމްބަރުން އަދި 2000 އަށްވުރެ ބޮޑު އާބާދީތަކަށް 5 މެމްބަރުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރުމާއިއެކު އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ޚަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަގޮތަށް، ފައިސާގެ ޚަރަދުތައް ބެލޭނެ ގޮތަށް ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"93 މެމްބަރުންނަށް އިތުރުވެފައި މިއޮތީ އެހެންވީމަ އަޅުގަންޑު މި ހުށަހަޅާ އިސްލާހަކީ އެހިސާބަށް ދެން ހިންގާށޭ އިތުރު ނުވާނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަން."
ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުން ގެ އަދަދަށް ކޮންމެ ދައުރަކުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލޭ ސިޓީގައިވެސް މިހާރު މެމްބަރުންގެ އަދަދު 18 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ޤާނޫނަށް ބަދަލުގެނައުމަށް ވިސްނަވާ ކަމަށެވެ. އޭގެ ތެރޭގައި އެހެން ސިޓީ ކައުންސިލްތަކުގައި ވެސް އަދަދު އިތުރުވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށާ، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގައި އެ މަނިކުފާނު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށާ، ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ. މި ކަންކަމާ މަޝްވަރާކުރެއްވުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައި ވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޅުގަނޑުމެން ނިންމަމުން މިދަނީ މުސްތަޤުބަލުގެ މުހިންމު ނިންމުންތަކެއް ކަމުގައި ވިދާޅުވެ، ކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަތުމަށް ގޮވާލައްވާފައެވެ.
މި ލިޔުން ކިޔާލުމުން