ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ ޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު "ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލުމަކީ މުހިންމު ކަމެކެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ސަރުކާރުގެ ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ތެރެއިން ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް ރައީސް ފާހަގަކުރައްވައި، މިހާރުގެ އައި.ޑީ.ކާޑު ސްމާޓް ޑިޖިޓަލް ކާޑަކަށް ބަދަލުކޮށް، އެ ކާޑުން ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވިއެވެ. އަދި ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް، ޚިދުމަތުގެ ނިޒާމް ހަރުދަނާކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލުކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާއެވެ. އެ ޤައުމަކީ ޕްރެސް ފްރީޑަމްގައި ދުނިޔޭގެ 2 ވަނަ ޤައުމެވެ. ދިވެހިރާއްޖެވެސް އެ ފެންވަރަށް ގެންދިއުމަށް މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، 2028 ވަނަ އަހަރާ ހަމައަށް ދާއިރު، މިހާރުގެ ސަރުކާރުގެ ވަރކްފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަށާޖެހޭ، މާނަހުރި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ލިޔުން ކިޔާލުމުން