Saturday, October 31
ވޭޕް އެތެރެކޮށްގެން ޖޫރިމަނާ 48 މިލިއަނަށް އެރިޔަސް އެފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް!

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ރާއްޖެއަށް ވޭޕް އެތެރެކުރި ވަކިވަކި ފަރުދުން 48 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުނު ނަމަވެސް، އެފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ، މިހާރު ގާނޫނުގައި އޮންނަ ގޮތުން ވޭޕް އެތެރެކުރުމުގެ ކުށަށް 50،000 ރުފިޔާގެ ޖޫރިމަނާއަކާއި، އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ، އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮށްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަން ޖެހޭ،" ސިމާހު ވިދާޅުވިއެވެ.

ކަސްޓަމްސްގެ ސީނިއަރ ސުޕްރިންޓެންޑެންޓް އިބްރާހިމް ފަޔާޒު ވިދާޅުވީ، މިއަހަރު މިހާތަނަށް ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ 20 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްވެފައިވާ ކަމަށެވެ. އަދި މިފަދަ ކޮންމެ މައްސަލައެއްގައިވެސް ޖޫރިމަނާކުރުމާއެކު ޖިނާއީ ތަޙުޤީޤެއް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، 2023 ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، އިންޒާރުގެ ފޮޓޯއާއެކު ނުރައްކާތެރިކަމުގެ ލޭބަލް ނުޖަހައި ސިނގިރޭޓު އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

މި ބައްދަލުވުމުގައި ކަސްޓަމްސްގެ އިސްވެރިން އެދިވަޑައިގަތީ، ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ އަދަބު ކަނޑައެޅުމުގައި މިހާރު އޮތް ލިމިޓް އުވާލެވޭ ގޮތަށް ބަދަލު ގެނައުމަށެވެ. މިގޮތަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ބައެއް ފަހަރު ވަގަށް އެތެރެކުރާ މުދަލުގެ އަގާއި އޭގެ ފައިދާ، މިހާރު ކަނޑައެޅިފައިވާ ޖޫރިމަނާއަށްވުރެ މާ ބޮޑުވާތީއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ރާއްޖެއަށް އަންނަ ޔޮޓުތަކުން މިފަދަ ތަކެތި އެތެރެކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.

ކަސްޓަމްސްގެ އިސްވެރިން ވިދާޅުވީ، މިފަދަ މައްސަލަތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މީގެ ތެރޭގައި އެއަރޕޯޓުގައި ސްކޭނިންގ މެޝިންތައް އިތުރުކުރުމާއި، ބަނދަރުތަކުގައި ސަރވެއިލަންސް ކެމެރާ ސިސްޓަމްތައް ހަރުކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު