ނިމިގެންދިޔަ އެޕްރީލް މަހުގެ ތެރޭގައި ވޭޕްގެ އެކި މައްސަލަތަކުގައި 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މިގޮތުން ފުލުހުން ބުނީ 1 އެޕްރީލް 2025 އިން 30 އެޕްރީލް 2025 ގެ ނިޔަލަށް، ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި ޖުމުލަ 39 މީހުން، 192،500ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިދިޔަ މާރިޗު މަހުވެސް ފުލުހުން ވަނީ 27 މީހަކު ޖޫރިމަނާކޮށްފައެވެ. މީގެ ތެރެއިން ވޭޕް ބޭނުންކުރުމުގެ ސަބަބުން 82،000 ރުފިޔާ އަދި ވޭޕް ގެންގުޅުމުގެ ސަބަބުން 41،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ޤާނޫނަށް ގެނެވުނު އިސްލާޙަށް ޢަމަލުކުރަން ފެށިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙަށް ރައްޔިތުން ފުރިހަމައަށް ޢަމަލުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ދެއްކުމަށް މޯބައިލް ފޯނުގެ ޒަރީއާއިން ކުރު މެސެޖަކާއެކު ވާރު ޕޭގެ ޕޭމަންޓް ލިންކެއް ފޮނުވޭނެކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން