ކައުންސިލްތަކުން ބްލޮކް ގްރާންޓު ބޭނުންކުރަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމުގެ ބާރު ފިނޭންސް މިނިސްޓަރަށް ލިބިދޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން ރައީސް ވިދާޅުވީ ބްލޮކް ގްރާންޓު ބޭނުންކުރަނީ ކައުންސިލްތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާތައް އެކަނި އަދާކުރަންކަން ކަށަވަރު ކުރުމުގެ އިޚްތިޔާރާއި ބާރު، ފިނޭންސް މިނިސްޓަރަށް ލިބިދޭ މާއްދާއެއް ޤާނޫނަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިހާރު ފިނޭންސް މިނިސްޓަރަށް ކުރެވޭނެ ކަމެއް ބުނެވޭނެ ކަމެއްވެސް ނޯވޭ ޤާނޫނު އޮތް ގޮތުން. ބްލޮކް ގްރާންޓް މިދެނީ...ބޭނުން ކަމެއް ކުރެވޭ...ނުހުއްޓުވޭ. އެކަމަކު ރަށުގައި ކުރަންޖެހޭ ކަންކަން އެބަހުއްޓޭ ނުކޮށް"، ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާތައް ލާމަރުކަޒީ ޤާނޫނުގައި ލިޔެފައި އޮންނާނެ ކަމަށާއި، ލާރި ދެނީ އެ ކަންކަން ކުރަން ކަމަށެވެ.
"އެހެންވީމަ އެކަން ބެލުމުގެ ބާރު ފިނޭންސް މިނިސްޓަރަށް ދޭ ގޮތަށް އަޅުގަނޑުމެން ޤާނޫނު އިސްލާހުކުރަން ހުށަހަޅާނީ"، ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން