Saturday, October 31
ކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާކަމަށް ރައީސް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ވިދާޅުވީ މި މައްސަލައިގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް ކުރެވިފައި ހުރީ ވަރަށް އުނދަގޫ، ދަތި އަދި ކަވި މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ. މި މަސައްކަތްތަކުގައި ބޭރުގެ ޚަބީރުންގެ ލަފައާއި އިރުޝާދު ހޯދާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ނަމަވެސް ގެއްލިގެން ދިޔަ ކަނޑުގެ ބައި ހޯދުމަކީ އަޅުގަނޑުމެންގެ މައި ސިޔާސަތެއް. އެކަމުގައި އަޅުގަނޑުމެންގެ މަސައްކަތަކަށް ކުޑަނަމަވެސް ދުލެއް ނުދެން. ފަހަތަކަށް ނުޖެހެން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލިފައިވެއެވެ. މި މައްސަލަ ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ މި މައްސަލައާ ގުޅިގެން ދެން ހުރި މަރުޙަލާތަކުގެ މަސައްކަތްތަކެވެ. އަދި ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތުގެ ސިޔާސަތަށް އައި ބަދަލާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު