ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވާ ފުޅާކުރުމަށް ފަސް އަތޮޅަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަހަރުގެ މިހާތަނަށް 823،658 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.4 އިންސައްތައިގެ ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ މަދުން ރިޒޯޓްތައް ހުރި ފަސް އަތޮޅު، ހއ، ހދ، ށ، ތ، އަދި ލ، މި ފަސް އަތޮޅުގައި ފަތުރުވެރިކަން ގެނައުމަށް އިންވެސްޓަރުން އިންސެންޓިވައިޒްކޮށް ޝައުގުވެރިކުރުވުމަށްޓަކައި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
"އެ ފަސް އަތޮޅަށް އެކަނި އަޅުގަނޑުމެން ވަކި މުއްދަތަކަށް ސަންސެޓް ކްލޯޒްއެއް ލާފަ އަޅުގަނޑުމެން މިއުޅެނީ ލުއި ކޮށްލަން. ލުއި ކޮށްލަނީ މައިގަނޑު ގޮތެއްގަ ލޭންޑް އިކުއިޒިޝަން ކޯސްޓުގެ ވަރަށް ބޮޑު ލުއިތަކެއް ދޭނަން. އަދި ގެންނަ ތަކެއްޗަށް ނަގާ ޑިއުޓީގައާއި އެކަހަލަ ބައެއް ކަންކަމުގެ ޚާއްސަ ލުއިތަކެއް ދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއާއެކު މި ފަސް އަތޮޅަށް އިންވެސްޓް ކުރާނެ ފަރާތްތައް އިތުރުވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިހާރު މިކަމާ ގުޅުންހުރި ކަންކަން ނިމެމުންދާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މި މަހުގެ ތެރޭގައި އިންވެސްޓަރުންނަށް އިންސެންޓިވައިޒް ކުރެވިފައިވާ ގަވާއިދު އިއުލާނުކުރެވި އެކަމަށް ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.
"މިގޮތުން އައްޑޫ ސިޓީގެ އައްސޭރި ޓޫރިޒަމް މަޝްރޫއަކީ އަޅުގަނޑު ވައުދުވެފައި އޮތް، މެނިފެސްޓޯގައި ވެސް ހިމެނޭ މަޝްރޫއެއް. މިހާރު ވާނީ އިއުލާނު ކޮށްފަ. މާޗު މަހުގެ 21 ވަނަ ދުވަހު ކްރޮސް ސަބްސިޑީ މޮޑެލްގެ ތެރެއިން އައްސޭރި ޓުރިޒަމް މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅަން ވާނީ ހުޅުވާލާފަ. 6،000 ބެޑް އަޅުގަނޑުގެ ވައުދަކީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމަކީ ޖީޑީޕީއަށް އެންމެ ބޮޑަށް ފައިދާވާ ސިނާއަތަށް ވުމުން މި އިންޑަސްޓްރީ ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު ވައުދެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން