Thursday, November 5
އިޒްރޭލުން ޣައްޒާ ބަންދުކޮށްގެން އުޅޭތާ 60 ދުވަސް : މިޒަމާނުގައި ދުނިޔެ ނުދެކޭފަދަ އަނިޔާވެރިކަމެއް

އިޒްރޭލުން ޣައްޒާ ބަންދުކޮށްގެން އުޅޭތާ 60 ދުވަސް ފުރިހަމަވެއްޖެއެވެ. މިއީ ތާރީޚުގައި ވެސް އެންމެ ދިގު މުއްދަތަށް ޣައްޒާ ބަންދުކޮށްގެން އިޒްރޭލުން އުޅުނު ފަހަރެވެ.

މި މުއްދަތުގައި އިޒްރޭލުންވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޯފެނާއި، ޒަރޫރީ ބޭސްފަރުވާގެ ތަކެތި ވެސް އެތެރެކުރުން އެއްކޮށް މަނާކޮށްފައެވެ. ބައިނަލްއަގްވާމީ އެހީދޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތަށްވެސް އިޒްރޭރުންވަނީ ހުރަސްއަޅާފައެވެ.

އެންމެ ފަހުން ޣައްޒާއަށް އެއްވެސް އިންސާނީ އެހީއެއް އެތެރެ ކުރެވުނީ މާޗް 2 ގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެއްވެސް އެހީއެއް ވެއްދުމުގެ ހުއްދަ އިޒްރޭލުން ދީފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ވަނީ ދުވަހަކުވެސް ކުރިމަތިނުވާފަދަ ބަނޑުހައި ހޫނުކަމެއް ތަހައްމަލްކުރަންޖެހިފައެވެ.

ޒަރޫރީ ބޭހުގެ ބާވަތްތައް ހުސްވެ ޣައްޒާގެ ޞިއްޙީ ޙާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޮންމެ ދުވަހަކު އިޒްރޭލުގެ ވައިގެ ހަމަލާތައް އަމާޒު ވަމުންދާއިރު، ބޭސްފަރުވާ ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުގެ ސަބަބުން، ބަލިމީހުންނާއި ޒަޚަމްވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އިޒްރޭލްގެ ޢުދުވާނީ ޙަމަލާތައް ދަނީ ދުވަހުން ދުވަހަށް ހަރުކަށިވަމުންނެވެ. ކޮންމެ ދުވަހަކު ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވަމުންދާއިރު، މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަން އިތުރަށް ދަނީ ބޮޑުވަމުންނެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމާ ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، އިޒްރޭލުން އަދިވެސް ދަނީ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގަމުންނެވެ. މި ހާލަތުގައިވެސް ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަރަބި އިސްލާމީ ދުނިޔެ މިހާތަނަށް ވަނީ ނުކުޅެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު