Saturday, October 31
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރުސީން ގުޅިއްޖެ

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްއާއި އެމްއެމްޕީއާރްސީން މި އެއްބަސްވުމުގައި ސޮއިކުރީ މިހާރު ދުބާއީގައި ހިނގަމުންދާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައެވެ. މި އެއްބަސްވުމުގެ ދަށުން ބޭންކުގެ ގްލޯބަލް ޕާޓްނަރ ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީއާއެކު މިފަދަ މުހިންމު މަސައްކަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން އުފާކުރައްވާ ކަމަށާއި، ބޭންކުގެ އެކްސްކްލޫސިވް އިންޓަރނޭޝަނަލް ކާޑު ޕާޓްނަރޝިޕްތަކާއެކު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރާ މިންވަރު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

"ކައިރި މުސްތަޤްބަލެއްގައި އަމަލީ މަސައްކަތް ފެށުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން"، ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ ބީއެމްއެލް އާ ގުޅިގެން ހިންގޭ މި ޑެސްޓިނޭޝަން ކެމްޕޭން ފަރުމާކޮށްފައިވަނީ ޕްރީމިއަމް ފަތުރުވެރިންނަށް ހާއްސަ އޮފަރތަކަކާއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

"މި ސްޓްރެޓެޖިކް ކެމްޕޭންގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ކުރާ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮތުމަށް އިތުރު ބާރަކަށް ވެގެންދާނެ"، ޝިއުރީ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު