Saturday, October 31
ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފި

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފިއެވެ.

މި މައްސަލައާ ގުޅިގެން ޝަމްޢާން ހައްޔަރުކުރީ މާރިޗު 21 ވަނަ ދުވަހު ރޭއެވެ. އަދި މައްސަލައިގެ ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން މިއަދު ހައިކޯޓުން ކަނޑައެޅީ އިސްތިއުނާފަށް ހުށަހެޅި ނުކުތާއަށް ބެލިއިރު، އިސްތިއުނާފީ އޮޅި ގިރާވަރުގެ ބުރަދަން ހުރި ޤާނޫނީ ބަހުސެއް އިސްތިއުނާފު ކުރި ފަރާތަށް ދެވިފައިވާ ކަމަށް ނުފެންނާތީ، އިސްތިއުނާފު ކުރި އަމުރު ބާޠިލްކުރާނެ ތަނެއް ފެންނަން ނެތް ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން ހިންގާ ތަޙުޤީޤުގައި މިހާތަނަށް ބެލި ބެލުމުން، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އަދާކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް، އެ ގެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000ރ. އާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާ ތަޙުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ޝަމްޢާނާއެކު އިތުރު ހަތަރު މީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު