Saturday, October 31
ވަޒީރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހީމް ނާޒިލެވެ.

މިގޮތުން ނާޒިލް ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީ ޕީޖީ ގްރޫޕް 12 މެންބަރުންގެ ސޮއާއެކު ކަމަށެވެ. ނާޒިލް ވިދާޅުވީ ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކޮށްގެން ނުވާނެ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އެ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ ގިނަ ކަންތައްތަކެއް ވަޒީރު އަމީންގެ ފަރާތުން އެކި ގޮތްގޮތަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެކަމާ ގުޅިގެން އަޅުގަނޑުމެން ނޯ ކޮންފިޑެންސް މަޖިލީހަށް ހުށަހެޅީ"، ނާޒިލް ވިދާޅުވިއެވެ.

މިގޮތުން ނާޒިލް ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

ވަޒީރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ވަޒީރު އަމީނަށް އަމާޒުކޮށް ތުހުމަތުތަކެއް ކޮށްފައިވެއެވެ.

21 އަހަރުގެ ޔުމްނު ރަޝީދު، ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓުމުގެ ކުރިން، ޔުމްނުއާއެކު އެރޭ ހަރަކާތްތެރިވި މީހުން އުޅުނު ކަމަށް ފުލުހުން ބުނެފައިވަނީ މި ގޭގައެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، ޔުމްނުއާއި، މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ އިތުރުން، ހަތް މީހަކު، 17 ވަނަ ދުވަހުގެރޭ އެކީގައި ހަރަކާތްތެރިވެފައިވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ގޮތުގައި، ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް "މަސްތު ޕާޓީ" އެއްގައި ބައިވެރިވިއެވެ. ނަމަވެސް މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވެއެވެ.

މި މައްސަލައިގައި ރައުދު ހައްޔަރުކޮށްފައިވާއިރު، "މަސްތުގެ ޕާޓީ" ގައި ބައިވެރިވި އެހެން މީހުން ހައްޔަރުކޮށްފައި ނުވާތީ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން މާލޭގައި ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު