Thursday, November 5
ޑރ.މުނައްވަރު ހިމެނޭގޮތަށް، ބޮޑެތި ބާރުތަކާއެކު ޔުމްނުގެ މައްސަލަ ތަހުގީގުކުރަން ކޮމިޝަނެއް އުފައްދައިފި

މާލޭގެ އިމާރާތަކުން މި މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު  މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ  ހާއްސަ ކޮމިޝަނެއް އުފައްދަވައފިއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ ބާރުގެ ދަށުން އުފައްދަވާފައިވާ "ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" ގެ ރިޔާސަތު ބަލަހައްޓަވާނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މީގެ އިތުރުން ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.

ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މި ކޮމިޝަންގެ މަގުސަދަކީ މި މައްސަލައިގެ މިނިވަން، މުސްތަގިއްލު އަދި އިތުބާރުހިފޭ ތަހުގީގެއް ކުރުމެވެ. އަދި މިހާތަނަށް ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

މި ކޮމިޝަނަށް ވަރަށް ފުޅާ ދާއިރާއެއްގައި ބާރުތައް ލިބިދީފައިވެއެވެ. މީގެ ތެރޭގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ހާއްސަ ހަބީރުންގެ އެހީތެރިކަން ހޯދުމުގެ ބާރު ހިމެނެއެވެ. އަދި ޖިނާއީ ތަހުގީގުތަކާ ގުޅޭ ކޯޓު އަމުރުތަކަށް އެދުމާއި، މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެއެވެ.

މި މައްސަލައާ ގުޅިގެން އެހެން އިދާރާއަކުން ކޮށްފައިވާ ތަހުގީގުތަކާއި ހޯދުންތައް ހޯދުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެއެވެ. މި ކޮމިޝަނުގެ މަސައްކަތް ކުރިއަށްދާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުތަކާއެކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު