މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފަށައިފިއެވެ.
އެންއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕްރީލް 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް އަންހެނަކު ފެނުމާ ގުޅިގެން ފުލުހުން ކުރަމުންދާ ތަޙުޤީޤުގައި ފުލުހުން ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ފުލުހުންގެ މައްޗަށް އެކި ތުހުމަތުތައް ކޮށް ވާހަކަ ދެކެވެމުންދާ ކަމަށެވެ.
އެހެންކަމުން އެންއައިސީގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ދިވެހި ފުލުހުން ޤާނޫނާއި ގަވާއިދާއި ފުލުހުން ޢަމަލުކުރަންޖެހޭ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށްޓަކައި ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އެޕްރީލް 23 ވަނަ ދުވަހު ނިންމާފައިވާ ކަމަށް އެންއައިސީން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ޢަމަލުކޮށްފައިވާ ގޮތާމެދު ނުރުހުން ފާޅުކޮށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ރޭވެސް މުޒާހަރާކޮށްފައެވެ. ޔުމްނު އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ. ޔުމްނުގެ ޢާއިލާއިން ބުނީ އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމުގެ އިންތިޒާމު އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށާއި، ސްރީލަންކަން އެއާލައިންސްގެ ފްލައިޓުން މާދަމާ ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ އެންމެންގެ ވަނަވަރު އާންމުކޮށް، އެމީހުންގެ ފޯނާއި ޕާސްޕޯޓު ފުލުހުން ހިފަހައްޓާފައިވާއިރު، މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައުދު އަޙްމަދު ޛިލާލް އެކަންޏެވެ. އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު، ރައުދު ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުނު ސަބަބުތަކުގެ ތެރޭގައި ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތާއި، މަސްތުގެ ހާލަތުގައި ހުރުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން