ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގައި އެންމެ މުހިންމު ކަމަކީ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ހަމަޖެހިފައި އޮތުންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ރާއްޖޭގެ މުޅި އިޤުތިޞާދު ބިނާވެފައިވަނީ ޤައުމުގެ ހަމަޖެހުމުގެ މައްޗަށް ކަމަށާއި، އިންވެސްޓަރުންގެ ޔަގީންކަމުން ފެށިގެން ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބިނާވެފައިވަނީ އެ އިހުސާސްގެ މައްޗަށް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެ މީހުންގެ އާއިލާތައް ދިރއުޅެމުން އަންނަނީ ވޭނާއި އުނދަގުލުގައި ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"މަސްތުވާތަކެތީގެ ވިޔަފާރީގެ މުގާބިލުގައި ކުށްކުރާ ގޭންގުތައް އުފެދި މުޖުތަމައު ހަމަނުޖެހުމުގެ ތެރެއަށް ވަނީ އައިސްފައި"، ވަޒީރު ވިދާޅުވިއެވެ.
އަދި މައުސޫމު އެތަކެއް ފުރާނަތަކެއް ދިޔައީ މި މާހައުލުގެ ޝިކާރައަކަށްވަމުން ކަމަށާއި ތުއްތު ކުދިން ދިޔައީ ކުށުގެ ވެއްޓަށް ހުށަހެޅެމުން ކަމަށާއި ކުށްކުރާ ކުޑަކުދިން، ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންދާ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް އެންމެބޮޑު ނުރައްކަލަކަށްވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ކުށުގެ ވެއްޓަށް ބޮޅުތަކެއް އިތުރުވެފައިވުމުން ކަމަށެވެ. އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކަށް މީގެކުރިން އެކަށީގެންވާ ހައްލެއް ގެނެވޭނެކަމުގެ އުންމީދެއް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް ވެސްވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށާއި ދިވެހިފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭގޮތަށް ނަތީޖާ ފެންނާނެ އަހަރެއް ކަމަށާއި، ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އިފެކްޓިވް ކުރުމަށްޓަކައި އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ފުލުހުންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީތަރައްގީގެ މަޝްރޫއު މިދިޔަ މަހުގައި ފެށިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ
މި ލިޔުން ކިޔާލުމުން