އައްޑޫމީދޫ އިން ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމަށް އިޢުލާން ކޮށްފައިވަނީ ލޭންޑްޔޫސް ޕްލޭންގެ މަޤްޞަދު ހާސިލުނުވާ ގޮތަށް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
މިމަހު 22 ވަނަ ދުވަހު އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މީދޫ 25 ބިމެއް ވަނީ ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ. މިއީ މިހާ ގިނަ އަދަދެއްގެ ބިން އެއްފަހަރާ މީދޫ އިން ކުއްޔަށް ދޫކުރުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ކުއްޔަށް ދިނުމަށް ހުޅުވާލި ބިންތަކުގެ ތެރެއިން ސިމެންތި ގާ އެޅުމަށް ދޫކުރާ ބިންތަކާއި ، ވަޑާންގެ އާއި ހެވީ ވެހިކަލްގެ ޚިދުމަތްދިނުމަށް ދޫކުރާ ބިންތައް ހުރީ މީދޫގެ ލޯކަލް ޓުއަރިޒަމް އަށް ހުރަސް އެޅިގެން ދާގޮތަށެވެ. އަދި ކައުންސިލުގެ މި ނިންމުމަކީ ރައްޔިތުންގެ މަޝްވަރާއަކާއި ނުލައި، ކައުންސިލުގެ ދައުރު ހަމަވާން ކައިރިވެފައިވަނިކޮށް ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއް ކަމުގެ ތުހުމަތުވެސް އެފަރާތުން ހުށަހެޅި މައްސަލައިގައި ކޮށްފައިވެ އެވެ.
އަދި މީދޫ ބިން ހިއްކުމުގެ މަޝްރޫއު މިހާރުވެސް ކުރިއަށް ދާއިރު ، ކުރިން ރައްޔިތުންނާ މަޝްވަރާކުރެވިފައި އޮތީ އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ދޫކުރާނީ އަލަށް ހިއްކާ ސަރަހައްދުން ކަމަށް އެފަރާތުން ހުށަހެޅި މައްސަލައިގައި ފާހަގަ ކޮށްފައި އޮތެވެ.
ނިމިދިޔަ ސަރުކާރުން އައްޑޫގައި ހިންގި ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން މީދޫގައިވެސް ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި އެމަސައްކަތް ވަނީ އެމްޓީސީސީ އާއި ހަވާލުކުރެވިފައެވެ. މައުލޫމާތު ލިބިފައިވާގޮތުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ވަނީ ފެށުމަށް ތައްޔާރުވެފައެވެ.
މި ލިޔުން ކިޔާލުމުން