ޤައުމީ އުފެއްދުންތެރިކަމުގެ %89 ބަރޯސާވެފައިވަނީ ދިރޭތަކެތީގެ ނަސްލުތަކަށް ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ އިޤުތިޞާދީ ގޮތުން އެންމެ މުހިންމު ސިނާޢަތް ކަމަށާއި، ފަތުރުވެރިކަން ބަރޯސާވެފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ކަމަށެވެ.
މިގޮތުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ %89 ބަރޯސާވެފައިވަނީ ދިރޭތަކެތީގެ ނަސްލުތަކަށް ކަމަށްވާއިރު، ރާއްޖޭގެ ފަރުތަކަކީ ދުނިޔޭގެ ހަތްވަނަ އަށް އެންމެ ބޮޑު ފަރުގެ ނިޒާމު ކަމަށާއި، އަދި ފަސް ވަނަ އަށް އެންމެ މުއްސަނދި ނިޒާމު ކަމަށެވެ.
މީގެ އިތުރުން، 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށުނުއިރު ހުރީ ދެ ފެސިލިޓީއެއްގައި ޖުމުލަ 280 އެނދު ކަމަށާއި، ނަމަވެސް 2025 ވަނަ އަހަރު 1،162 ފެސިލިޓީއެއްގައި ޖުމުލަ 62،290 އެނދު ހުރިކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ހަމަ އެހެންމެ 1972 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1،097 ފަތުރުވެރިން ކަމަށްވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު %22 ގެ ކުރިއެރުމެއް ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށްވެސް ރާއްޖެއަށް 771،333 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން