އައްޑޫ ޝަންގްރިލާ އަކީ އެ ސަރަހައްދުގެ އިޤުތިޞާދަށް ވަރަށް މުހިންމު ރިސޯޓެއް ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިގޮތުން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު ކުރެވެމުންދަނީ ރިސޯޓު އޮޕަރޭޓްކުރުމަށް ހުރި ގޮންޖެހުންތައް ދެނަގަނެ، އެ ކަންތައްތައް ހައްލުކުރަން ސަރުކާރަށް އިތުރަށް ކޮށްދެވޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި، މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.
ވަޒީރު ވިދާޅުވީ ރިސޯޓު ހިންގާ ކުންފުނިން ފާހަގަކުރި އެންމެ ބޮޑު އެއް ނުކުތާއަކީ އައްޑޫއަށް ކަނެކްޓިވިޓީ ފަސޭހަކުރުން ކަމަށާއި، އައްޑޫއަށް ދިއުމަށް ހުންނަ ދަތިތައް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ.
މީގެ އިތުރުން، ތިލަދުންމަތީ ދެކުނުބުރީ ނާގޮށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކުރެވުނުތާ ގިނަ ދުވަސްތަކެއް ވެއްޖެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ރަށުގައި ކުރިންވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މަސައްކަތް ހުއްޓާލާފައި އޮތުމުގެ ސަބަބުން އެ ރަށުގައި ގަސް ބޯވެފައިވާތީ، މިހާރު ކުރަމުންދަނީ ސާފުކުރުމުގެ މަސައްކަތް ކަމަށް އެމްޓީޑީސީން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އަދި އެ ރިސޯޓު އެޅުމަށް ކޮންސްޓްރަކްޝަން ޕާމިޓްވެސް ދޫކޮށްފައިވާ ކަމަށާއި، މިހާރު ދަނީ ބީއެމްއެލް އާއެކު ފައިނޭންސިންގެ ބައެއް ކަންތައްތައް ކުރަމުން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން