Saturday, October 31
އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް ވުމަކީ މުހިންމު ކަމެއް: ޑރ. ޞަލާޙް

އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް ވުމަކީ މުހިންމު ކަމެއް ކަމުގައި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެއެވެ.

މިގޮތުން ޒުވާން ޚަޠީބުންނާއި އިމާމުންނާ ބައްދަލުކުރައްވައި ޑރ. ޞަލާޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށާއި، މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށެވެ. މީގެ އިތުރުން އިމާމުންގެ މާތްކަމާއި، މުޖުތަމަޢު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ.

އަދި ޢިލްމު ހޯދުމަކީ އިމާމުން ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށާއި، ނަމާދާއި ގުޅޭ ޙުކުމްތަކާއި ދީނުގެ އެކި ޙުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމަކީ މުހިއްމުކަމެއްކަމަށާއި، ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރާއިރުވެސް އިމާމުންގެ ޙައިސިއްޔަތާއި ނުގުޅޭ ކަންކަން ޙިއްސާކުރުމާއި، ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށްވެސް ޢިލްމުވެރިންނަށް ނަޞޭޙަތްތެރިވެލައްވާފައިވެއެވެ.

އަދި ކަމާބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުމަށާއި، އިމާމުކަމާއި ޚަޠީބުކަމުގެ މަސްޢޫލިއްޔަތަކީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއްކަމަށާއި، އެ މަސްޢޫލިއްޔަތު ވީހާވެސް ރަނގަޅަށް ފުރިހަމަ ކުރުން ޖެހޭކަމަށް ވިދާޅުވިއެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއިވެސް ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއި ވުޒާރާގެ އިސްވެރިންގެ އިތުރުން އިސްލާމީފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު