Saturday, October 31
ދިވެހިންގެ ދީނީ ހޭލުންތެރިކަމުގެ އެންމެ އަލި ދަންމަރަކީ އައިޔޫއެމް: ވަޒީރު އާދަމް ނަޞީރު

ދިވެހިންގެ ދީނީ ހޭލުންތެރިކަމުގެ އެންމެ އަލި ދަންމަރަކީ ދިވެހިރާއްޖޭގެ އިސްލާމިމް ޔުނިވަރސިޓީ (އައިޔޫއެމް) ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިގޮތުން އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މުސްތަޤުބަލުގައިވެސް މި ގޮތުގައި އައިޔޫއެމް ކުރިއަށްދާނެކަން ޔަޤީންވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ އައިޔޫއެމްއަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު އެއް ތަނބު ކަމަށާއި، ފާއިތުވި 45 އަހަރު އައިޔޫއެމުން ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ބައެއްގެ އެބައެއްވަންތަކަން ދެމެހެއްޓޭނީ އެ ބައެއްގެ ތެރެއަށް ބޭރުން އަންނަ ޚިޔާލާއި ފިކުރާއި ޢިލްމާއި ސަގާފަތާއި އަދި ތަކެތި ވެސް އެ ބައެއްގެ ވިސްނުންތަކާއި ބޭނުންތަކަށް ވެހިކޮށްގެން، އެ ބައެއްގެ ސިފަތަކަށް ފައްތައިގެން ކަމަށެވެ.

ދިވެހީންގެ އަމިއްލަ ވަންތަކަމާއި ދިވެހި ތަރިކައާއި ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމުގައި މިއީ ހުރިހައި ދަރަޖައެއްގައި ކޮންމެހެން ކުރަން ޖެހޭ މުހިންކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ތަކެއްޗާއި ޢިލްމުތައް ވެހިކުރުމުގެ ޠަބީޢީ ނިޒާމަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ މިސާލަކަށް ރާއްޖޭގެ އަތިރި މައްޗަށް ފުޅިއެއް ލެއްގީމާ، އެއިން ރޭގަނޑު ގޭތެރެ ދިއްލާނެ ބައްތި ހަދަން ދިވެހީންނަށް އެނގުނު ކަމަށެވެ. އަތިރި މައްޗަށް ހިމުން ދޮންވެލި ލެއްގީމާ އެ ވެލިން ވޮށުފިލާ އުފެއްދިއެވެ. މިއީ ޠަބީޢީ ގޮތުން ތަނުގެ ވެށި ތަނުގެ މީހުންގެ ބޭނުންތަކަށް ވެހިކުރުމެވެ. ހަމަ އެހެންމެ ރާއްޖޭގެ ޢިލްމުވެރީން ކުރައްވައިފައިވާ މަސައްކަތަށް ބަލާއިރު، އިސްލާމްދީނުގެ އެންމެ ޚާއްޞަ އެއް މާއްދާކަމަށް ވާ ތައުޙީދު އިހުގެ ޢިލްމުވެރީން އާންމުންނަށް ދަސްކޮށް ދެއްވީ ވަޒަން ބަހުރުވައިގެތެރޭންނެވެ. ބޮޑުތާހީދާއި ކުޑަތާހީދު އޮވެއެވެ. މި ތާނގައި މި ވަނީ ޢިލްމެއް ވެހިކުރެވިފައެވެ. އެހެން މިސާލެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ހިސާބު ޢިލްމެވެ. މަޝްހޫރު ދިވެހި ހިސާބު ޢިލްމުވެރިޔާ އިސްމާޢީލްކަލޭފާނު ތުއްތު، ނުވަތަ ތުއްތު ސާހަބު ވަނީ ހިސާބު ޢިލްމު ވެހިކުރައްވައިފައެވެ. ދިވެހީންގެ ދުލަށް ދިވެހީންގެ ދޭހައަށް ފަސޭހަވާނޭހެން ނަވަތައިން ފެށިގެން އެއްކުރުމާއި ކެނޑުމާއި ގުނަކުރުމާއި ގެއްލުމާއި ވިޔަހެދުމާއި ތިންމައިގަނޑު ވިޔަ، ބާދާލު ގާފު، އަދި ދަހަމަލަ ފަދަ މަފުހޫމުތަކާއި އިސްތިލާހުތައް ތަޢާރަފުކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ފަރުދީ ގޮތުން ކުރެވިފައި މިހިރަ މަސައްކަތްތައް މިހާރު ނިޒާމީ ގޮތެއްގައި ކުރެވިއްޖެ ނަމަ، ޚާއްޞަކޮށް މަތީތަޢުލީމުގެ މަރުކަޒުތަކުން ކުރެވިއްޖެ ނަމަ ޢިލްމުތައް ފަށާނެ ކަމަށެވެ. ހިންގުމުގެ ދާއިރާއާއި އުނގަންނާދިނުމުގެ ދާއިރާއާއި ޤާނޫނީ އަދި ޝަރުޢީ ދާއިރާއާއި ޞިއްޙީ މިހެން ގޮސް ތަފާތު އެތައް އެތައް ދާއިރާއެއްގެ އެތައްއެތައް މާއްދާއެއް އެތައްއެތައް ތަޖުރިބާއެއް މަތީ ތަޢުލީމުގައި އެބަ އުނގަންނާދެވެއެވެ. މި ހުރިހައި ފުރުޞަތުގައި ވެސް އެ ޢިލްމުތަކާއި ތަޖުރިބާތައް ފަރުމާކުރުމުގައި ވެހިކުރުމުގެ ވިސްނުމަށް އިސްކަން ދިނުމަކީ ޤައުމީ ނަޒަރަކުން ބަލާއިރު ކޮންމެހެން ކުރަން ޖެހޭނެކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދަސްވެނީންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރެއްވިއެވެ. އަދި އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުގައި ޤައުމަށް ވަފާތެރިވުމާއި ޒިންމާދާރުވުމުގެ މާތް ސިފަ އެބޭފުޅުންގެ ކިބައިން މި ޤައުމު އެދޭކަން ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު