މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ މިއަދުގެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނެ ކަމަށެވެ.
މިއަދުގެ އެޕިސޯޑުގައި މަސްވެރިކަމަށް ބޭނުންވާ ކަނދުފައްޗަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ޤާއިމުކުރެވިފައިވާ ކަމަށާއި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި، ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނު ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން، ޤައުމީ ޔުނިވަރސިޓީގެ މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން 45 ދަރިވަރަކަށް ބެޗެލަރސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލަރޝިޕްގެ ފުރުސަތު ދެއްވަމުން ގެންދަވާނެ ކަމަށާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުންވެސް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.\
ދައުރުގެ ނިމިދިޔަ ދުވަސްތަކުގައި މަސްވެރިންނަށް ފައިސާ ލިބޭނޭ ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސެވުމަށް ކުރެއްވި މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، 48 ގަޑިއިރު ތެރޭ ފައިސާ ދެވޭ ގޮތަށް ކުރެއްވި އިންތިޒާމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގައި ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާ ކަމަށެވެ.
އަދި ގަވާއިދުން ފައިސާ ލިބޭނޭ ކަމުގެ އިތުބާރު ޒުވާނުންނަށް ލިބުމުން، ދިވެހި މަސްދޯނިތަކުގައި މަސައްކަތްކުރަނީ ދިވެހިން ކަމުގައި ހެދުމަށް ހިއްޕަވާފައިވާ އަމާޒަށް ވާޞިލުވުމުގެ މަގުވެސް ތަނަވަސް ވެގެންދާނެކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުންފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުންދާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި 470 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކުރައްވާފައިވާނޭ ކަމުގައިވެސް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން