މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ޤާބިލުކަން، މިހާރު ހުރި 8،500 ޓަނުން އިތުރުކުރުމަށް ފައްޓަވާފައިވާ މަޝްރޫޢު، ބާރު ދުވެލީގައި ނިމި، 25،000 ޓަނާ ހަމައަށް އިތުރުކުރެވޭނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަމަ މި މުއްދަތުގެ ތެރޭގައި ޕްރޮސެސިންގ ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނޭ ކަމަށެވެ. އަދި މި މަޝްރޫޢުތަކަކީ ކަންބޮޑުވުމެއް ނެތި ކުރިއަށްދާނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައިހުރި މަޝްރޫޢުތަކެއް ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ތެލާއި އައިސް ލިބުމުގައި މަސްވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުއިކަމެއް ހޯއްދަވައިދެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް އަދި ވަޞީލަތް ޤާއިމުކުރެއްވުމުގެ ގޮތުންކަމުގައިވިޔަސް، މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަން ކުރައްވަނީ، މަސްވެރިންގެ އަޑު ގާތުން އައްސަވައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރު ނިމެން ވާއިރަށް ކޮންމެ އަތޮޅެއްގައި، ކަނޑައެޅިފައިވާ ރަށަކުން، އެސް.ޓީ.އޯ ރޭޓުން ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމުގެ މަޢުލޫމާތު އެމަނިކުފާނު ހާމަކުރެއްވިއެވެ. އާރް.އެސް.ޑަބްލިއު ނިޒާމުތަކަކީ މަސްވެރިކަމުގެ މުސްތަޤުބަލުގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމަށް ބޭނުންވާ އިތުރު ލޯނުތައް ދޫކުރެއްވުމަށް ހަމަޖެހިފައިވާކަންވެސް ހާމަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން