Saturday, October 31
40 އަހަރު ފަހުން ޙަރަމްފުޅުގެ އިމާމެއް ރާއްޖެ އަށް!

ސާޅީސް އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް ޑރ މުއިއްޒުގެ ލަފައާއި އެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި، މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލް ބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން، ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފިކަން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވަނީ ހާމަކޮށްފައެވެ.

މިއަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި މިނިސްޓަރ ވިދާޅުވީ،  ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރުގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން ޢާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުގެ އިތުރުން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޙަރަމްފުޅެއްގެ އިމާމަކު މީގެ ކުރިން ރާއްޖެއަށް ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައަމަދު އައްސުބައްޔިލެވެ.

ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ޑރ. ޞަލާޙުލްބުދައިރަކީ އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު