Saturday, October 31
ފުލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ
ގެޒެޓްގައި ޝާއިޢުކޮށްފައިވާ 4000 ފްލެޓް ލިސްޓާގުޅޭ ޝަކުވާ ހުށަހެށުމަށް ދީފައިވާ މުއްދަތު 2025, 15 އެޕްރީލް ވާ އަންގާރަ ދުވަހުގެ 23:59 އަށް ހަމަވާކަން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހަނދާންކޮށްދީފިއެވެ. އެ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މުއްދަތުގެ ކުރިން "ގެދޮރުވެރިން ޕޯޓަލް" އަދި އީމެއިލް މެދުވެރިކޮށް އަދިވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެ ވުޒާރާއިން ވަނީ ފުލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރެއިން 20 މާރިޗު 2025 އިން 31 މާރިޗު 2025 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 15 އޭޕްރިލް 2025 އާ ހަމައަށް އިތުރުކޮށްފައެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރިން ބުނެފައިވަނީ 15 ނޮވެންބަރު 2023 ގައި އިޢުލާންކުރި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ޞައްޙަކުރުމަށްފަހު އެ ވުޒާރާއިން ގެޒެޓްގައި ޝާއިޢުކުރި ލިސްޓާ ގުޅިގެން، މިހާތަނަށް ލިސްޓާ ގުޅިގެން ހުށަހަޅަމުން ގެންދާ ޝަކުވާތަކަށް ރިޢާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، 08 އޮގަސްޓު 2023 ގައި ކުރީގެ ހައުސިންގ މިނިސްޓްރީން ކުރި އިޢުލާނުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓާ ގުޅިގެން، ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ދީފައިވާކަމާއި، މި ފުރުޞަތުގައި އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވާކަން ފާހަގަކުރެވޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެހެންނަމަވެސް، މި ދެންނެވި މަރުޙަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައިހުރި އެ ވުޒާރާއަށް ޗެކްކުރެވެން ހުރި މަޢުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފްޞީލާއެކު ޝަކުވާ ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު