Saturday, October 31
ޝަންގްރިލާ އަލުން ހުޅުވުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް އެހީވެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އަދި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޝަންގްރިލާ ވިލިނގިލިގެ ސީނިއަރ މެނޭޖްމަންޓް ޓީމާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ޝަންގްރިލާ ވިލިނގިލީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ގްރޫޕްގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ކްރިސްޓޮފަރ ޕޮންގް އެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި މި މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. ޝަންގްރިލާ ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ވަނީ މީގެ ކުރިންވެސް އެ ރިސޯޓުގެ މެނޭޖްމަންޓާ ބައްދަލުކޮށް މަޝްވަރާކުރައްވައިފައެވެ. ކޯވިޑް-19 އާ ގުޅިގެން ދިމާވި އިޤުތިޞާދީ ގޮންޖެހުންތަކާ ގުޅިގެން ޝަންގްރިލާ ވިލިނގިލި ރިސޯޓު ބަންދުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އޭގެ ފަހުން މިހާތަނަށް އެ ރިސޯޓު ހުޅުވޭނެ މަގެއް އަދި ފެނިފައި ނުވެއެވެ. މި ރިސޯޓު ހުޅުވުން ލަސްވާތީ އައްޑޫގެ ރައްޔިތުންނާއި ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު