މި ހިނގާ އޭޕްރީލް މަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 60،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް އިން ހާމަކޮށްފިއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އާޅާބަލާއިރު 16.5 އިންސައްތަ އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 693،949 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 656،828 ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،010 ފަތުރުވެރިން އާދެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 78،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު
ޗައިނާ – 78،285 ފަތުރުވެރިން
ރަޝިއާ – 75،448 ފަތުރުވެރިން
އިނގިރޭސިވިލާތް – 73،280 ފަތުރުވެރިން
އިޓަލީވިލާތް – 61،524 ފަތުރުވެރިން
ޖަރުމަންވިލާތް – 50،585 ފަތުރުވެރިން
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި ލިޔުން ކިޔާލުމުން