Saturday, October 31
ޖުލައި މަހު ސަރުކާރުގެ ޓެކްސީގެ ޚިދުމަތް ފަށަނީ

މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޓެކްސީ ގެ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު އެމްޓީސީސީން އިއުލާންކޮށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް ތަޢާރަފުވެގެންދާނެ ކަމަށް،" މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލޭ ސަރަހައްދަށް އާއްމުން ބޭނުންވާ ކޮންމެ ގަޑިއެއްގައި ޓެކްސީ ގެ ޚިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވަނީ 90 އެއްހާ ޓެކްސީ ކަމަށެވެ. ސަރުކާރުން މި ޚިދުމަތް ފަށަނީ 100 ޓެކްސީ އާއި އެކުގައެވެ. މިހާރުވެސް ޓެކްސީގެ ޚިދުމަތް ދިނުމަށް 1500 އެއްހާ ޓެކްސީ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ޓެކްސީގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ނުލިބެނީ މިހާރު އެ ޚިދުމަތަކީ،  ޓެކްސީ ދުއްވާ މީހާ ބޭނުންވާ ގަޑިއެއްގައި ޚިދުމަތްދޭން އޮންނަ ކަމަކަށްވެސް ވެފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ކަމުން ސަރުކާރުން މިކަން ފަށާ ޑިސިޕްލިން ކުރެވުމުން ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް ސަރުކާރުން ދޭން ނުޖެހޭވަރަށް ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެޕްލިކޭޝަނެއް މެދުވެރިކޮށް މި ޚިދުމަތް ފެށުމުން އެމީހަކު ބޭނުންވާ ވަގުތެއްގައި ވަކި ތަނަކަށް މިހާރު ދަތުރުކުރުމުގެ ޑިސިޕްލިން ރަނގަޅުވެގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރަނީ އަމިއްލަ އަށް މި ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތައްވެސް އެ ޑިސިޕްލިންއަށް ބަދަލުވެ، ކާރުގެ ފެންވަރު ރަނގަޅު ކޮށް ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރާނެ ކަމަށެވެ. އެހެން އެކަންވެއްޖެ ނަމަ ރާއްޖޭގެ ޓެކްސީގެ ޚިދުމަތުގެ ފެންވަރު ކުރިއަށް އޮތް ތަނުގައި ރަނގަޅު ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިން ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު